navLogo

100 އަށްވުރެ ގިނަ ބައިވެރިންނާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް ފަށައިފި

100 އަށްވުރެ ގިނަ ބައިވެރިންނާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް ފަށައިފި
ހެލްތު ފޯރަމް
މަރިޔަމް

ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބާއްވާ މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމް މިއަދު ފަށައިފިއެވެ. 100 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މި ފޯރަމް، މިއަދާއި މާދަމާ ހެލްތު މިނިސްޓްރީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) ގުޅިގެން ކުރިއަށްގެންދަނީއެވެ.

ހެލްތު މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، ރާއްޖެއާއި ރާއްޖޭން ބޭރުގެ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުން އެ ފޯރަމްގައި އަމަލީގޮތުން ބައިވެރިވެއެވެ. ޔޫއެޗްސީގެ މައިގަނޑު މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ސިއްހީ ހިދުމަތްތައް، ތަފާތުކުރުމެއް ނެތި އަދި އެއްވެސް މީހަކު ބާކީ ނުކޮށް، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއެކު ލިބެންހުރުމެވެ. މިއީ 2030 ގެ ނިޔަލަށް ހާސިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑި (އެސްޑީޖީ) ގެ ތެރޭގައި ހިމެނޭ މުހިންމު އަމާޒެކެވެ. އދ.ގެ މެމްބަރު ގައުމުތަކުން 2015 އިން 2030 އަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާފައިވާ ފްރޭމްވޯކެކެވެ.

މިނިސްޓްރީން ވިދާޅުވީ، އެސްޑީޖީގެ ގޯލްތައް 2030 އަށް ހާސިލްކުރުމަށް ރާއްޖެއިން އަމާޒުހިފާފައިވާއިރު، ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގެ ސާވިސް ކަވަރޭޖް އިންޑެކްސެއް ވަނީ ހާސިލްކޮށްފައި ކަމަށެވެ. މި ކާމިޔާބީތަކުގެ ތެރޭގައި، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނާ ގާތުން ހާލަތަށް ރިއާޔަތްކޮށްގެން ހިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޕްރައިމަރީ ހެލްތު ކެއާގެ އުސޫލަށް ހިދުމަތްތައް ބައްޓަންކުރުމާއި، ދުރާލާ ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއާ" ޕްރޮގްރާމްތައް ފެށުން ހިމެނެއެވެ. މީގެ އިތުރުން މެޑިކަލް ޗެކަޕް ތައާރަފް ކުރުމާއި، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލުތަކަކީވެސް ސިއްޙީ ދާއިރާއިން ހޯދާފައިވާ މުހިންމު ކާމިޔާބީތަކެކެވެ.

ފޯރަމްގެ މައިގަނޑު އެއް މަގުސަދަކީ، އެހެން ގައުމުތަކުގެ ތަޖްރިބާއަށް ބަލާ އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ސިއްހީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިއާޔަތްކޮށް، ރާއްޖޭގައި ޔޫއެޗްސީ ހާސިލު ކުރުމަށް 2026 އިން 2030 އަށް މަގުޗާޓެއް އެކުލަވާލުމެވެ. އަދި މި މަސައްކަތުގައި ބައިނަލްއަގްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތަކާއި ކަންކަމާ މެދު މަޝްވަރާކޮށް، ނިންމުންތައް ނިންމުމަށްވެސް މި ފޯރަމްގައި ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.

Rate this article

Leave a Comment

Comments (0)