-1764999207414.webp)
ރ. މަޑުއްވަރީގައި 400 ކިލޯވޮޓް-ޕީ (kWp) ގެ ސޯލާ ޕީ.ވީ. ހައިބްރިޑް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފޯރިއާއެކު ކުރިއަށްދާ ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. މި މަޝްރޫޢުގެ ދަށުން 344 ކިލޯވޮޓް-އަވަރ (kWh) ގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (BESS) އެއް ވެސް ގާއިމުކުރެވޭނެ އެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، ރާއްޖޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްގެ ގޮތުގައި މި މަޝްރޫޢު ހިންގަމުންދާ ކަމަށެވެ. މި ނިޒާމް މަސައްކަތްކުރަން ފެށުމާއެކު، އަހަރަކު 187,902 ލީޓަރުގެ ޑީޒަލް ބޭނުންކުރުން ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭއިރު، 460 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ތިމާވެއްޓަށް ބޭރުވުން މަދުކުރެވޭނެކަމަށް ވެސް އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިއީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކާބަން ބޭރުކުރާ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވުޒާރާއިން ސިފަކޮށްފައިވެއެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޝަން ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ރައީސް ޑރ. މުޢިއްޒުގެ ވިޝަންގައިވާ ގޮތުން، 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން ހޯދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މިކަމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރ. މަޑުއްވަރީގައި މި ނިޒާމް ޤާއިމުކުރުމުން، ރަށުގެ ކަރަންޓު ޚަރަދު ކުޑަވެ، ރައްޔިތުންނަށް ލިބޭ ހަކަތަ އިތުރަށް ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން، ދިވެހިރާއްޖެއަކީ ދެމެހެއްޓެނިވި ހަކަތައިގެ މައްޗަށް ބަރޯސާވާ، ތިމާވެއްޓާ ރައްޓެހި ޤައުމަކަށް ހެދުމަށް މަގުފަހިވާނެ ކަމަށް ވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.