navLogo

ނައިފަރަށް ދަތުރުކުރި "ނަސްރު" ބޯޓު އަޑިއަށް ގޮސްފި

ނައިފަރަށް ދަތުރުކުރި "ނަސްރު" ބޯޓު އަޑިއަށް ގޮސްފި
social media
މަރިޔަމް

މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރި "ނަސްރު" ބޯޓު ދިޔަވެ، އަޑިއަށް ގޮސްފިއެވެ.

މުދާ ބަރުކޮށްގެން ފަސް މީހުންނާއެކު ދަތުރު ކުރި މި ބޯޓު އަޑިއަށް ދިޔައީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ބޯޓު އަޑިއަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:22 ހާއިރެވެ.

މި ބޯޓުގައި ތިބި ފަސް މީހުން ސަލާމަތް ކުރީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ. ބޯޓުން ދަތުރުކޮށްފައިވަނީ ދެ ދިވެހިންނާއި ތިން ބިދޭސީންނެވެ.

ފަސް ފަޅުވެރިން މިހާރު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ނައިފަރަށް ގެންގޮސްފައެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.

ނައިފަރަށް ދަތުރުކުރި ބޯޓެއް އަޑިއަށް ދިޔައިރު، މާލެ އިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އޭގައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ނިޔާވެފައި އޮއްވައި ވަނީ ފެނިފައެވެ. ނިޔާވެފައިވަނީ ދިވެއްސަކާއި ބިދޭސީއެކެވެ. މި ހާދިސާގައި ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356