ފާއިތުވެ ދިޔަ ދެ އަހަރަކީ ކުޅިވަރު ތަރައްޤީގައި ކާމިޔާބު ދެ އަހަރުކަމަށާ ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އަދިވެސް ކުރެވެމުން އަންނަކަމަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒާއެކު މިލަދުންމަޑުލު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އެއަތޮޅު ކޮމަންޑޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.ވަޒީރު ވިދާޅުވީ ފާއިތުވެ ދިޔަ ދެ އަހަރެއްހާ ދުވަހަހުގެ ތެރޭގައި ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ކުރިއެރުންތައް ހޯދިއްޖެކަމަށް ގަބޫލުކުރައްވާކަމަށެވެ. މިގޮތުން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމާއި ދާއިރާއިން ޓެކްނިކަލް މީހުން އުފެއްދުމުގެ އިތުރުން ދިވެހި އެތުލީޓުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް ވަޒީރު ހާމަކުރެއްވިއެވެ.މިގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވެމުންދާ ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ އެއީ ވަރަށް މުހިންމު މަޝްރޫއެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. ވަޒީރު ވިދާޅުވީ އުންމީދަކީ ލަސްވެގެން އަންނަ އަހަރުގެ ތެރޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްތައް ނިންމާ ހަވާލުކުރުންކަމަށެވެ."ވަރަށް މުހިންމުކަމެއް މިހާރުވެސް ކުރެވިގެން އެދަނީ. އެއީ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިގެން މިހާރު އެމަސައްކަތް ފެށިގެން މިހާރު މިދަނީ. ﷲ އިރަދަކުރެއްވިއްޔާ މިއަހަރުގެ ދެތިންމަހެއްގެ ތެރޭގައި އަދި މިއަންނަ އަހަރުގައި މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްތައް ގާއިމުކުރެވިގެންދާނެ. މީގެ ސަބަބުން އިންޑޯގައި ކުޅޭ އެކި ކުޅިވަރުތައް އެތަނުގަ ކުޅެވިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ މަލްޓި ސްޕޯޓްސް އިންޑޯ ކޮމްޕްލެކްސްތަކުގެ މަޝްރޫޢުގެ ބޭނުމަކީ އެއްތަނަކުން ގިނަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުންކަމަށެވެ. އޭގެ އިތުރުންވެސް ކުޅިވަރު ކުރިއެރުވުމަށް ޓެކްނިކަލް މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.މިދާއިރާއިން ކުރެވުނު މަސައްކަތުގެ ތެރޭގައި ވޮލީ ކޯޗުން ތަމްރީނުކުރުމާ، މެޑިކަލް ޓީމު ޗައިނާއަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރު ފާހަގަކޮށްލެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް މިއޮތް ނޮވެމްބަރުމަހުގެ ތެރޭގައި ޗައިނާގެ ޓްރެއިނަރުން ރާއްޖެ އައިސް ބާސްކެޓުން ކުދިން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ."އަޅުގަނޑުމެން ބޭރު ގައުމުތަކާ އެމްއޯޔޫއެއް ހަދައިގެން މިހާރު އެކަންކަން އެބަ ކުރިއަށްދޭ. މިދިޔަ އަހަރު އަޅުގަނޑުމެން މިސާލަކަށް ވޮލީއިން އަޅުގަނޑުމެން ތަމްރީނުކުރިން ކޯޗުން. ހަމަ މިއަހަރު އަޅުގަނނޑުމެން މެޑިކަލް ޓީމު ޗައިނާއަށް ގެންގޮސްގެން އެކްސްޕީރިއަންސް އެކުދިންނަށް ހޯދައިދީފިން" ވަޒީރު ވިދާޅުވިއެވެ.ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިއަމާޒަށް ވާސިލުވުމަށްޓަކައި ހެލިފެލިވެ އުޅުމަށް ބާރު އެޅުމުގެ ގޮތުން އިންޑޯ ޖިމްތަކާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައްވެސް އަންނަނީ އަޅަމުންނެވެ.އޭގެ އިތުރުން ކުޅިވަރުގެ ވަސީލަތްތައްވެސް ގާއިމުކޮށްދިނުމާއި ރާއްޖޭގެ އެތުލީޓުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ. މިމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ފެންޗަރުގައި ރާއްޖޭގެ އެތުލީޓުން ވިދާލާ، ކުޅިވަރާ ގުޅުންހުރި ޓެކްނިކަލް ފަރާތްތައް ގިނަ އަދަދަކަށް ތަމްރީނުކުރެވިފައިވެއެވެ."މިއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން ލިބުނު ކުރިއެރުމެއްކަމަށް އަޅުގަނޑު ދެކެނީ ވަރަށް ބޮޑަށް" ފާއިތުވެ ދެ އަހަރުގެ ކާމިޔާބީއަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވިއެވެ.ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ހިފާފާ އަމާޒުގައި ރާއްޖެ އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ސްޕޯޓްސް ބިއުރޯއާއި ދެމެދު މިއަހަރުގެ ފެބުރުއަރީމަހު ފަހުމުނާމާއެއްގައި ވަނީ ސޮއި ކޮށްފައެވެ.މި ފަހުމުނާމާގެ ދަށުން ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތައް ކުރިއެރުވުމަށް ޗައިނާއިން ރާއްޖެއަށް އެހީވުމަށްވަނީ އެއްބަސްވެފައެވެ.