navLogo

ސަރުކާރުގެ އަމާޒަކީ ޕްލޭނާ އެއްގޮތަށް ކުރިއަށްހުރި މަޝްރޫޢުތައްވެސް ފެށިގެން ދިއުން: ވަޒީރު ރާފިޢު

ސަރުކާރުގެ އަމާޒަކީ ޕްލޭނާ އެއްގޮތަށް ކުރިއަށްހުރި މަޝްރޫޢުތައްވެސް ފެށިގެން ދިއުން: ވަޒީރު ރާފިޢު
po office
މަރިޔަމް

ސަރުކާރުގެ އަމާޒަކީ ޕްލޭނާ އެއްގޮތަށް ކުރިއަށްހުރި މަޝްރޫޢުތައްވެސް ފެށިގެން ދިއުންކަމަށް ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒާއެކު މިލަދުންމަޑުލު އުތުރުބުރިއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އެއަތޮޅު ފުނަދޫގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.ވަޒީރު ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމަށެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުގައި ހުއްޓިފައިހުރި މަޝްރޫޢުތައް ނިންމުމާ މިސަރުކާރުގެ ވަޢުދާ އެއްގޮތަށް ގާއިމުކުރަން ފެށުނު އެކިއެކި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެށިފަވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އޭގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމަށް ޕްލޭން ކުރެވިފައިވާ ކުޅިވަރުގެ މަޝްރޫޢުތައްވެސް ޕްލޭނާ އެއްގޮތަށް، ކުރިއަށް އޮތް އަހަރު ފެށިގެން ދިއުމަކީ ކުރާ ވަރަށް ބޮޑު އުންމީދެއްކަމަށް ވަޒީރު ހާމަކުރެއްވިއެވެ."މީގެ ތެރޭގަ ކުރީ ސަރުކާރުން ފަށާފަ ހުއްޓިފަ ހުރި މަސައްކަތްތައް އިތުރަށް އަލުގަނޑުމެން އެމަސައްކަތްތައް ކުރިއަށް ގެންގޮސް އެމަސައްކަތް ނިންމާ، އެތަންތަން ރާއްޖޭގެ އެރަށްތަކުގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތަށް އިންތިޒާމުކުރުން. އަދި އޭގެ އިތުރުން އަޅުގަނޑުމެން މިސަރުކާރު އައިފަހުން ކުރިއަށް ގެންދިޔަ މަޝްރޫޢުތައްވެސް ނިންމުން ހިމެނޭ. އަދި ޕްލޭން ކުރެވިފަ ހުރި ގޮތްގޮތަށް އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް މަޝްރޫޢުތައް ފެށުން ހިމެނިގެން އެބަދޭ" ކުޅިވަރު ދާއިރާއިން ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒިރު ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގާއިމުކޮށްދެއްވުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން އަންނަ ބިޔަ މަސައްކަތެއްކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ދަށުން ފުޓުބޯޅަ އަދި ފުޓްސަލް ދަނޑުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކުޅިވަރުގެ އެހެނިހެން ވަސީލަތްތައްވެސް ގާއިމުކޮށްދެއްވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.ވަޒީރު ވިދާޅުވީ އުންމީދަކީ އަމާޒަށް ވާސިލްވެ ޕްލޭނާ އެއްގޮތަށް ކަންކަން ބައްޓަންވެގެން ދިއުންކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކަކީވެސް ކުޅިވަރުގެ އައު މަޝްރޫއުތަކެއް ފެށިގެންދާނެ ދުވަސްތަކެއްކަމަށާ، ރާއްޖޭގެ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމްއަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމަށް ހަލުވި ކަމާއެކު މަސައްކަތްކުރެވެމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު އަތޮޅު ތެރެއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑު އެއްސެވުންކަމަށާ، ރައްޔިތުން އެދޭގޮތަށް ކަންކަން ހަމަޖެހިގެންދާނެކަމަށް ވަޒީރު ވިދާޅުވެފަވެއެވެ. މި ދަތުރުގެ ތެރެއިން ގިނަ ކަންތައްތަކެއް ދެނެގަނެވިއްޖެކަމަށާ ދެން އޮތީ ވަކި ތާވަލެއްގެ ދަށުން މިކަންކަން ހައްލުކުރުމަށް މަސައްކަތްކުރުންކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356