navLogo

ބޯޓެއް ބަންޑުންޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި

ބޯޓެއް ބަންޑުންޖަހާލައި، ދެ މީހަކު ގެއްލިގެން ހޯދަން ފަށައިފި
ޕޮޓޯ: ޕީއެސްއެމް ނިއުސް
މަރިޔަމް

މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާލުމާ ގުޅިގެން، އެ ބޯޓުން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، މިއަދު ހެނދުނު 7:27 އެހާއިރު ބަންޑުން ޖަހާލާފައިވަނީ "ބަލްމާ – 6" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ. މި ހާދިސާ ހިނގި އިރު ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ވަނީ ނަގާފައެވެ. ނަމަވެސް، ބާކީ ތިބި ދެ މީހުން އަދިވެސް ފެނިފައި ނުވާތީ، އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. ގެއްލިގެން ހޯދަމުންދަނީ ދިވެއްސަކާއި ބިދޭސީއެކެވެ.

މި ހާދިސާ ހިނގާފައިވަނީ ތާޖު އެގްޒޯޓިކާ ރިޒޯޓު ކައިރިއަށެވެ. ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި މި ބޯޓު ބަންޑުން ޖަހާލުމާއެކު، ބޯޓުގައި ހުރި ބައެއް ތަކެތި ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވާފައެވެ. ކޯސްޓްގާޑުން ލަފާކުރާ ގޮތުގައި މި ތަކެތި އޮޔާދަނީ ހުޅަނގު ފަރާތަށެވެ.

Rate this article

Leave a Comment

Comments (0)